ކްލަބުގެ ވެރިންނަށް ފާޑުކިޔުމަށްފަހު މާފަށް އެދިއްޖެ!ޔުނައިޓެޑުން އޭނާ ޖޫރިމަނާކޮށްފި
ލިޔުންތެރިޔާ
ޗެމްޕިއަންސް ލީގުގައި އެތުލެޓިކޯ މެޑްރިޑް އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވި މެޗަށްފަހު، ކްލަބުގެ މެނޭޖްމަންޓަށް އަމާޒުކޮށް ފާޑުކިޔުމުގެ ބަސްތަކެއް ރައްދުކުރި އާޖެންޓީނާގެ ސެންޓަ ބެކް ލިސަންދުރޯ މާޓިނޭޒް މާފަށް އެދިއްޖެ އެވެ. އަދި އޭނާ ދެއްކި ވާހަކަތަކާ ގުޅިގެން ކްލަބުން އޭނާ ޖޫރިމަނާކޮށް އަދަބު ދީފައިވާ ކަމަށް ވަނީ އެނގިފަ އެވެ.
އަންގާރަ ދުވަހު ކުޅުނު މެޗަށްފަހު ވާހަކަދައްކަމުން މާޓިނޭޒް ބުނެފައިވަނީ، ހެޑް ކޯޗު މައިކަލް ކެރިކަށް ކްލަބުގެ މެނޭޖްމަންޓުން އެކަށީގެންވާ ވަރުގަދަ ސްކޮޑެއް ހޯދައިދީފައި ނުވާ ކަމަށެވެ. އަދި ސްކޮޑު ވަރުގަދަކުރަން މިއަށްވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރަންޖެހޭ ކަމަށާއި، ކްލަބުގެ ޓެކްނިކަލް ޑައިރެކްޓަރު ޖޭސަން ވިލްކޮކްސްގެ ފަރާތުން މިއަށްވުރެ ރަނގަޅު މަސައްކަތެއް އުންމީދުކުރި ކަމަށް އޭނާ ބުންޏެވެ. މި ވާހަކަތަކާ ގުޅިގެން ބުރާސްފަތި ދުވަހު ކްލަބުގެ ވެރިންނާ ބައްދަލުކުރުމަށްފަހު މާޓިނޭޒް ވަނީ ބަޔާނެއް ނެރެފަ އެވެ.
މާޓިނޭޒް ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނުގައި ބުނީ، ކްލަބުގެ ލީޑަޝިޕާއި ކޯޗާ އެކު ދެކެވުނު ވާހަކަތަކަކީ ވަރަށް ހުޅުވާލެވިގެން ދެކެވުނު ރަނގަޅު ވާހަކަތަކެއް ކަމަށެވެ. އަދި މެޗުން ބަލިވުމުން ލިބުނު މާޔޫސްކަމާއި ރުޅީގެ ސަބަބުން، ދައްކަން ނުޖެހޭ ވަގުތެއްގައި އަދި ތަނެއްގައި އިހުސާސްތައް ބަންޑުންކޮށްލެވުނީތީ މާފަށް އެދޭ ކަމަށް އޭނާ ބުންޏެވެ. މީގެއިތުރުން ކްލަބުގެ އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކޮށް، އޭނާގެ ބަސްތަކުން އެކަމަށް އެހީއެއް ނުވިކަން ގަބޫލުކުރާ ކަމަށާއި، މިހާރު ވިސްނުން ހުރީ އެންމެން އެކުގައި މޮޅުވުމަށް މަސައްކަތްކުރުމަށް ކަމަށް ވެސް އޭނާ ބުންޏެވެ.
މި މައްސަލައިގައި ކްލަބުން މާޓިނޭޒް ޖޫރިމަނާކޮށްފައިވާއިރު، ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހު ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑުގައި އޭނާ ހިމަނާނެތޯ އަދި ސާފެއް ނުވެ އެވެ. ލީގުގައި މިހާތަނަށް ކުޅުނު 6 މެޗުން ލިބުނު 6 ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ ތާވަލުގެ 13 ވަނައިގަ އެވެ. މި ސީޒަނުގައި ކުޅުނު 9 މެޗުގެ ތެރެއިން ޔުނައިޓެޑަށް މޮޅުވެވުނީ އެންމެ ދެ މެޗުންނެވެ.
އޯލްޑް ޓްރެފޯޑުގައި މާޓިނޭޒްގެ މުސްތަގުބަލާ މެދު ސުވާލު އުފެދިފައި
އުމުރުން 28 އަހަރުގެ ޑިފެންޑަރު ދެއްކި ވާހަކަތަކުގެ މައްސަލަ މިހާރު ހައްލުވެފައިވާ ކަމަށް ބެލެވުނު ނަމަވެސް، ޔުނައިޓެޑުގައި އޭނާގެ މުސްތަގުބަލާ މެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފަ އެވެ.
މާޓިނޭޒްގެ މިހާރުގެ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު، އެއްބަސްވުމުގެ މުއްދަތު އިތުރު 12 މަސްދުވަހަށް ދަންމާލުމުގެ އިޚުތިޔާރު ކްލަބަށް އެބައޮތެވެ. ނަމަވެސް އެ އިޚުތިޔާރުގެ ބޭނުން ހިފުމާ މެދު ކްލަބުން އަދި ވަކި ގޮތެއް ނުނިންމަ އެވެ. ކްލަބުގެ ކުރީގެ ކެޕްޓަން ރޯއީ ކީން ވަނީ، މިފަދަ ހާދިސާތަކުގެ ސަބަބުން ކްލަބުގެ ތެރޭގައި އޮތް ހާލަތަކީ މަޖާ ދައްކާ ސާކަހެއް ފަދަ ކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް