rad
ޚަބަރު •

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީގެ މުއްދަތު އިންޑިއާއިން އިތުރުކޮށްދީފި

ހަަސަން ޚާލިދު

ލިޔުންތެރިޔާ

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީގެ މުއްދަތު އިންޑިއާއިން އިތުރުކޮށްދީފި

ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، ރާއްޖެއާއެކު ހަދާފައިވާ 3,000 ކްރޯޑް (30 ބިލިއަން) އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް އެއްބަސްވުމުގެ މުއްދަތު ފުރަތަމަ ފަހަރަށް އިތުރުކޮށް (ރޯލްއޯވަރ ހަދައި)، މި އޮކްޓޫބަރު މަހުގެ 23 އިން ފެށިގެން އެ މުއްދަތު ދެމެހެއްޓުމަށް ނިންމާފައިވާކަން އިންޑިއާ ސަރުކާރުން ހާމަކޮށްފިއެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒް (އެމްއީއޭ) ގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ، މި ނިންމުމަކީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ނިންމި ނިންމުމެއް ކަމަށާއި، މީގެ ސަބަބުން ރާއްޖޭގެ މާލީ ހަމަޖެހުމަށް ބާރު ލިބި ދެ ގައުމުގެ ތަރައްގީގެ ބައިވެރިކަން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. އަދި މި އިންތިޒާމަކީ އޮކްޓޫބަރު 2024 ގައި ދެ ގައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ހަމަޖެހިފައިވާ ފެސިލިޓީއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ނިންމުމާ ގުޅިގެން ރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ދޫކުރި މި ފެސިލިޓީގެ މުއްދަތު އިތުރުކޮށްދެއްވި ކަމަށްޓަކައި އިންޑިއާ ސަރުކާރަށާއި އެ ގައުމުގެ ޚާރިޖީ ވަޒީރު ޑރ. އެސް. ޖައިޝަންކަރަށް ޝުކުރު އަދާކުރައްވާފައެވެ. ވަޒީރު ވިދާޅުވީ މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށާއި، މި ގުޅުމަކީ އެއް ގައުމު އަނެއް ގައުމަށް ކުރާ އިހްތިރާމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ.

މި ފެސިލިޓީއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އޮކްޓޫބަރު 2024 ގައި އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، ސާކް ގައުމުތަކަށް ޚާއްސަ ކަރަންސީ ސްވަޕް އޮނިގަނޑުގެ ދަށުން އާރުބީއައި އާއި އެމްއެމްއޭއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން ފުރަތަމަ 30 ބިލިއަން ރުޕީސް ދޫކޮށްފައިވަނީ 23 އޭޕްރީލް 2026 ގައެވެ.

މީގެ އިތުރުންވެސް، ސަރުކާރުގެ ސެކިއުރިޓީޒް މެދުވެރިކޮށް އިންޑިއާއިން ވަނީ ރާއްޖެއަށް މާލީ އެހީތެރިކަން ދީފައެވެ. އެގޮތުން 250 މިލިއަން ޑޮލަރާއި 100 މިލިއަން ޑޮލަރުގެ ދިގު މުއްދަތުގެ ދެ ޓްރެޜަރީ ބޮންޑަކަށް އިންޑިއާއިން އިންވެސްޓްކޮށްފައިވާއިރު، 150 މިލިއަން ޑޮލަރުގެ އަގުހުރި ތިން ޓްރެޜަރީ ބިލެއް ރާއްޖެއިން ވަނީ ސެޓްލްކޮށްފައެވެ. އަދި މި ސެކިއުރިޓީޒްތަކަށް އެރި އިންޓްރެސްޓްގެ ގޮތުގައި 42.8 މިލިއަން ޑޮލަރު ދައްކާފައިވަނީ އިންޑިއާ ސަރުކާރުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް