ކޮފީ ތަށި އެއްލާލާނެހާ ހިތްވަރު ނެތި، ތަހުޒީބު ވާނީ ކިހިނެއް؟
ލިޔުންތެރިޔާ
ހަވީރު ފިންޏަށް ނުވަތަ ރޭގަނޑުގެ ހިތްފަސޭހަ ވަގުތުތަކުގައި އާއިލާ އާއި އެކު ނުވަތަ ރައްޓެހިންނާއެކު ކޮފީއެއް ބޯލުމަކީ އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި ވަރަށް ބޮޑަށް އަށަގަނެފައިވާ އާދައެކެވެ. ޚާއްސަކޮށް މާލެއާއި ހުޅުމާލޭގެ ބީޗް ސަރަހައްދުގައި ހުންނަ ޓޭކްއަވޭ ކޮފީ ޕޮއިންޓްތަކުގެ ކައިރީގައި ބަހައްޓާފައި ހުންނަ ގޮނޑިތަކާއި މޭޒުތަކަކީ އެތައް ބަޔަކު އެއްވެ، ވަގުތު ހޭދަކުރާ މައިޒާންތަކެކެވެ. ނަމަވެސް، މި ހިތްގައިމު މާހައުލުތަކުން މިއަދު ފެންނަމުންދަނީ ކޮންމެ ޒިންމާދާރު ރައްޔިތަކުވެސް ލަދުގަންނަންޖެހޭ ފަދަ ހިތާމަވެރި މަންޒަރެކެވެ.
ގިނަ ފަހަރަށް ފެންނަނީ ކޮފީ ނިންމާލުމަށްފަހު، ބޭނުންކުރި ޕްލާސްޓިކް ތައްޓާއި، ހުސްކުރި ދަޅާއި، ސިގިރެޓް ފޮއްޓާއި ބުޑުތައް، އެ އިން މޭޒުމައްޗަށް ނުވަތަ ގޮނޑިދަށަށް ދޫކޮށްލާފައިދާ މަންޒަރެވެ. އެންމެ ފިޔަވަޅެއް ނުވަތަ ދެ ފިޔަވަޅެއްހާ ކައިރީގައި ޑަސްބިން ހުންނައިރުވެސް، އަމިއްލަ އަތުން ބޭނުންކުރި ކުނިކޮޅު ޑަސްބިނަށް ވައްޓާލުމުގެ ކުޅަދާނަކަން ނެތިފައިވާ ފަދައެވެ. މިއީ ހަމައެކަނި ތަނުގެ ސާފުތާހިރުކަން ގެއްލޭ ކަމެއް ނޫނެވެ. މިއީ އަޅުގަނޑުމެންގެ އިޖުތިމާއީ ޒިންމާދާރުކަމާއި އަދަބުއަޚުލާޤާ މެދު ސުވާލު އުފެދޭ ކަމެކެވެ.
ކޮފީ ވިއްކާ ތަންތަނުން އާންމުންނަށް ޚިދުމަތް ދިނުމުގެ ގޮތުން ބަހައްޓާފައި ހުންނަ ގޮނޑި މޭޒުތަކަކީ އަނެކާވެސް ބޭނުންކުރަން ހުންނަ ތަކެއްޗެވެ. އެ ތަންތަން ސާފުކޮށް ބެލެހެއްޓުމަކީ ހަމައެކަނި އެ ވިޔަފާރި ހިންގާ ފަރާތުގެ ޒިންމާއެއް ކަމަށް ދެކުމަކީ ވަރަށް ބޮޑު ކުށްހީއެކެވެ. އެ ތަނެއްގެ ފަސޭހަ ލިބިގަންނަ ކޮންމެ މީހެއްގެ މައްޗަށްވެސް އެ ތަނުގެ ސާފުތާހިރުކަން ދެމެހެއްޓުމުގެ ފަރުދީ ޒިންމާ އެޅިގެންވެއެވެ. ތިމާ އިށީނދެ އިން ތަން، ތިމާ ތެދުވެގެންދާއިރު ސާފުކޮށް ބެހެއްޓުމަކީ ރިވެތި ސަގާފަތެކެވެ.
މި އާދަ ބަދަލުކުރުމަށް މާ ބޮޑު މަސައްކަތެއް ކުރާކަށް ނުޖެހެއެވެ. ބޭނުންވަނީ ކުޑަކުޑަ ހޭލުންތެރިކަމެކެވެ. އަދި ފަރުދީ ޒިންމާއެއް އިސްކުރުމެވެ. ކޮފީ ބޮއެ ނިމުމުން، ހުސް ތައްޓާއި ދަޅު ހިފައިގެން ގޮސް އެންމެ ކައިރީގައި ހުރި ޑަސްބިނަށް އެޅުމަކީ ސިކުންތުކޮޅެއްގެ ކަމެކެވެ. އަޅުގަނޑުމެން އެންމެން އެކުގައި މި ކުޑަކުޑަ ބަދަލު ގެނެސްގެން ނޫނީ، އަޅުގަނޑުމެންގެ ރީތި މަގުތަކާއި ހިތްފަސޭހަ މައިޒާންތައް ސާފުތާހިރު ތަނެއްގެ ގޮތުގައި ނުބޭއްވޭނެއެވެ. އެކުވެރިންނޭވެ! ތިމާ ބޭނުންކުރި ކުނިކޮޅު ޑަސްބިނަށް އަޅައި، ރީތި ނަމޫނާއެއް ދައްކަމާތޯއެވެ!
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް